
ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެވޭ އެންމެ ފާހަގަކޮށްލެވޭ އެއް އިނާމު ކަމަށްވާ ‘ވޯލްޑް ޓްރެވަލް އެވޯޑްސް’ ގެ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މުހިންމު 6 ދާއިރާއަކަށް ރާއްޖެ ނޮމިނޭޓްވެ، އެ ކެޓަގަރީތައް ކާމިޔާބުކުރުމަށްޓަކައި އާންމުންގެ ވޯޓަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި މިފަދަ ޝަރަފުވެރި މަޤާމުތަކަކަށް ރާއްޖެ ވާދަކުރުމަކީ ދުނިޔޭގެ މާކެޓުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުވެ، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުބާރު ކަށަވަރުކުރުމަށް ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް އެ އިދާރާއިން ބަޔާންކުރެއެވެ.
މިއަހަރުގެ އެވޯޑްސްގައި ދިވެހިރާއްޖެއިން ވާދަކުރާ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛ ލީޑިންގް ޑެސްޓިނޭޝަން، ލީޑިންގް ބީޗު ޑެސްޓިނޭޝަން، ލީޑިންގް ޑައިވް ޑެސްޓިނޭޝަން، ލީޑިންގް ގްރީން ޑެސްޓިނޭޝަންގެ އިތުރުން ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން އަދި ލީޑިންގް ޓޫރިސްޓް ބޯޑުގެ މަޤާމެވެ.
1993ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޚިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، އެންމެ މަތީ ދަރަޖައިގެ ޚިދުމަތްތެރިންނަށް ދެވޭ ޚާއްޞަ ޝަރަފެކެވެ. ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެއިން ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ވެސް މި އެވޯޑްސްގެ ތަފާތު އެކި ދާއިރާތަކުން ވިދާލައި، ގިނަގުނަ ކާމިޔާބީތަކެއް ޤައުމަށް ހޯދައިދީފައެވެ.

