
ޑިޖިޓަލައިޒޭޝަންގެ ކަންކަން ރާއްޖޭގައި ހަރަދަނާ ކުރަން ސަރުކާރުން ކަނޑައަޅާފައިވާ “މޯލްޑިވްސް 2.0″ގެ މަގުޗާޓު ތަންފީޒުކުރަން ޕްރައިވެޓް ސެކްޓާއާއެކު މަޝްވަރާކުރަަން ނިންމައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ އެ މަގު ޗާޓު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކޮށް އަދި އައިސީޓީ އެކޯސިސްޓަމް ތަަރައްގީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
މާދަމާ ބާއްވާ އެ މަޝްވަރާ ބައްދަލުވުމަކީ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މަޝްވަރާ ބައްދަލުވުން އިންތިޒާމު ކުރެވިގެންދަނީ މައިންޑްކޯ އާއި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ގުޅިގެން ބާއްވާ ހަރަކާތެއްގެ ގޮތުގައެވެ. އެ މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުން ބައިވެރިވުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ބައްދަލުވުމުގައި މޯލްޑިވްސް 2.0 މަޝްރޫއު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި މަޝްވަރާތަކުގެ އަލީގައި ޕްރައިވެޓް ސެކްޓަރގެ ބައިެރިވުން އިތުރުކުރުމަށް މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުަތައް ގެނައުމަށް އެ ބައްދުލުވުމުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މޯލްޑިވްސް 2.0” އިން ކަނޑައަޅާފައިވާ ގައުމީ އިސްތިރާޖީ މިސްރާބާ އެެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއެކު، ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާ ގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިިލަރެސްކުރެވިގެންދާނެ އެވެ.

