
ހުއްދަ ނެތި ޖިންސީ ކަންކަމާއި މަސްތައް ވަރުގަދަކުރުމަށް ބޭސް އެތެރެކުރާ މައްސަލަގައި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭއިން މިރޭ ކުރި އިއުލާާންގައި ބުނީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމްޕޯޓްކޮށް، އެކިއެކި ކްލެއިމްތައްކޮށް، އޮންލައިން މަސްދަރު ތަކުގައާއި ބައެއް އާއްމު ފިހާރަ ތަކުން ވެސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި އެފަދަ ތަކެތި ގަނެ ބޭނުން ކުރަމުންގެންދާކަން ވެސް ފާހަގަކުރެވިފައިވާ ކަން އެމްއެފްޑީއޭއިން ފާހަގަކުރި އެވެ.
އެހެންވެ ހުއްދަނެތި ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއިބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމަަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނި ގޮތުގައި
- ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން
- އެފަދަ މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިދާނެ، އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާ ތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮވެދާނެ.

