
ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ނެގުނު ވޯޓަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނުވަތަ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ނެގުނު ވޯޓެއް ނޫން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ “ދިވެހީންގެ ނިންމުން” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ގޮށްމުށުގެ ބާރު ދައްކަވާނެ ރައީސެއް ނޫން ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރައްވާނެ ރައީސެއް ކަމަށެވެ. އަދި ރައީސްއަކީ ރައްޔިތުންގެ މަޝްވަރާއާ އެކު ރައްޔިތުން އެދޭ ގޮތަށް ގޮތް ނިންމަވާނެ ބޭފުޅެއްކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޔަޤީންވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވޯޓުލީ، ރައީސްއަށް އެ ރައްޔިތުންގެ ޚިޔާލު ދިނުމަށް ކަމަށާއި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނި ގިނަ ރައްޔިތުންތަކެއް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ކާމިޔާބުކޮށްދީފައިވާ ކަމަށް މެންބަރު ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑު @MMTVmv ގެ ”ދިވެހީންގެ ނިންމުން“ ޕްރޮގްރާމް ގައި ދެއްކި ވާހަކަ ބައެއް މީޑިއާ ތަކުން ނުބއިކޮށް ތަރުޖަމާ ކުރާތީ ހިއްސާކޮށްލީމެވެ.
އަޅުގަނޑުމެންގެ ރައީސަކީ ގޮށްމުށުގެ ބާރު ދައްކަވާނެ ރައީސެއް ނޫނެވެ.ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރައްވާނެ އެވެ.#ދިވެހީންގެރާއްޖެ pic.twitter.com/eOrgJRgUeE— Ibrahim Shujau (@IbrahimShujaau) April 10, 2026
މީގެ އިތުރުން ވިދާޅުވީ، އައްޑޫގެ ސިޓީގެ ދާއިރާތައް ވަކި ކުރުމަށް އެ ދާއިރާތަކުގެ ރައްޔިތުން ރައީސްގެ އަރިހުން އެދިވަވަޑައިގަތުމުން، އެ މަނިކުފާނު އެއްސެވީ ރައްޔިތުގެ އަޑު ކަމަށާއި އެ މައްސަލަ ވެސް އެމްޑީޕީން މާނަކޮށްފައި ވަނީ ސަރުކާރަށް ތާއީދު އޮތްތޯ ނޫންތޯ ބަލާ ވޯޓެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީން ސިޔާސީ މަންފާއެއް ހޯދުމަށް ކަންކަން އޮޅުވާލަން ކުރާ މަސައްކަތްތަކަށް ހިތާމަ ކުރައްވާ ކަމަށާއި ދިވެހި ރައްޔިތުންނަށް ހަގީގަތް އިނގޭނެ ކަން މެންބަރު ޝުޖާއު ފާހަގަކުރެއްވިއެވެ.

