
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
އައްމަޓީ މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައުސިން ޔުނިޓްތަކުހެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ފަހުން އޭނާ އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ. އެހެންވެ އޭނާ ހޯދަން 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ 2021ވަނަ ފެބްރުއަރީ މަހު ލަންކާއިން އެވެ. އަދި ދިވެހި ސިފައިން ގޮސް އޭނާ ރާއްޖެ ގެނައީ ޖެހިގެން އައި މަހުއެވެ.
އެ މައްސަލައިގައި އައްމަޓީގެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުން ކޯޓުގައި ދައުވާ ކުރުމުން އެ ދައުވާކުރި 203މީހުންނާއެކު ކޯޓުން ބޭރުގައި ސެޓުލްމެންޓު އެއްބަސްވުމެއް ހަދައި 45މިލިއަން ރުފިޔާގެ ބަދަލު ކަނޑައަޅައި އެ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުން ފުލެޓު ގަތުމަށް ފުރުސަތު ލިބޭ ގޮތަށް މައްސަލަ ނިންމާފައިވެއެވެ.

