
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްސަލަ ޖެހުނު ދ. މީދޫގެ ވޯޓު ފޮށި އަލުން ގުނަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނީ ޝަކުވާ ހުށަހެޅީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓުލި ވޯޓު ފޮއްޓަކާ ގުޅޭ ގޮތުން ކަމަށެވެ.
އެހެންވެ އެ ވޯޓު ފުށީގެ ސެކިއުރިޓީ އުރަ މިއަދު ހަވީރު ކަނޑައި އަލުން ވޯޓު ގުނަން ފަށާފައިވާ ކަމަށް އިލެކްޝަންސްއިން ބުންޏެވެ.
އެކަން ކުރިއަށް ދަނީ ކުރީގެ ޑްރަގު ކޯޓުގައި ހުންނަ އިންތިހާބީ މަރުކަޒުގައެވެ.
އެ ވޯޓު ފޮށީގެ ރަސްމީ ނަތީޖާ ހާމަކުރާނެ ވަގުތެއް އިލެކްޝަންސްއިން ނުބުނެއެވެ.
މިއީ ނިމިގެން ކައުންސިލް އިންތިހާބަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ވޯޓު ފޮއްޓެއް އަލުން ގުނާ ފުރަތަމަ ފަހަރެވެ.
ކައުންސިލް އިންތިހާބުގައި މީދޫގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމްއެވެ. އޭނާއަށް 393ވޯޓު ލިބުނެވެ. އޭނާއާ ވަރަށް ގާތުން ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް 392ވޯޓު ލިބުނު އިރު އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް 100ވޯޓު ލިބުނެވެ.

