
ފ. ފީއަލީގައި ބަނދަރުކޮށްފައި އޮތް ތެޔޮ އުފުލާ ބޯޓެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުން ނައްޓައި، އެ ސަރަހައްދުގައި ހުރި އައިސްޕްލާންޓަކަށާއި އިތުރު ތިން ދޯންޏަކަށް ފެތުރި އަނދާ ހުލިވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އެޕްރީލް 09ވަނަ ދުވަހުގެ 09:15 އެހައިކަންހާއިރު ފ.ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި އަލިފާނުގެ ހާދިސާގައި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ފިއުލް ޝެޑަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވަނީ އަލިފާން ރޯވެފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އެ އަލިފާންގަނޑު ނިއްވާލުމަށް ފ. ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ. އަދި މިއަދު ގާތްގަނޑަކަށް 10:35 ހާއިރު އަލިފާން ގަނޑު ކޮންޓުރޯލު ކުރެވިފައިވާ ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.
ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

