
ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކު ފިހިގެން ފީއަލީ ޞިއްޙީ މަރުކަޒުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އެޕްރީލް 09ވަނަ ދުވަހުގެ 09:15 އެހައިކަންހާއިރު ފ.ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށް ވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވަނީ އަލިފާން ހިފާފައެވެ.
އެ އަލިފާންގަނޑު ނިއްވާލުމަށް ފ. ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ. އަދި ފުލުހުންނާއި އާންމުން ވެސް ހަރަކާތްތެރިވަމުންދާ މަޢުލޫމާތުދެއެވެ.

