
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ގޮސް، ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައި ވަނީ ގއ. ކޮލަމާފުށި، އިސްމާޢީލް އަފީފް (81އ)، އޭނާގެ ޙާލު ވަރަށް ދެރަކަމަށާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭނާ ފެނިފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި ލ. އަތޮޅުގެ ސަޕްލައި ދޯންޏަކަށް މިއަދު ހެނދުނު 10:15 އެހާއިރު ކަމަށާއި އޭނާ ފެނުނު އިރު އޮތީ ޕަލެޓެއްގެ އެހީގައި ފެންމަތީގައި ކަމަށް ވެސް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތިބި ކަމަށާއި އޭގެތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެ ހާދިސާގައި ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

