
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް ހުއްޓާލުމަށް ދެ ގައުމުން މިއަދު އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ވިއުގަ ކަމަށްވާ “ޓްރުތް ސޯޝަލް” ގައި ވިދާޅުވީ، މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއެކު ބޭއްވުނު ކާމިޔާބު ބައްދަލުވުންތަކެއްގެ ނަތީޖާ ކަމަށެވެ.
ޓްރަމްޕް އިތުރަށް ތަފްސީލުދެއްވި ގޮތުގައި، ދެ ފަރާތުން ވެސް ހަމަލާތައް މެދުކަނޑާލާ ގޮތަށް އެކުލަވާލި މި އެއްބަސްވުމުގެ މައިގަނޑު ބިނާވެފައި ވަނީ ވަކި ޚާއްސަ ކަންތައްތަކެއްގެ މައްޗަށެވެ. އެގޮތުން، އީރާނުން ވަގުތުން ވަގުތަށް ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލައި، އެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ލާޒިމުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ކުރިއަށް އޮތް 14 ދުވަހު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެއްވެސް ހުރަހެއް ނެތި ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ މުޅި ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި ސަޕްލައިކުރާ ނުހަނު މުހިންމު ކަނޑުގެ މަގެކެވެ.

