
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރުތަކަކަށްފަހު، އެ ޤައުމުން އީރާނަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ދެ ހަފުތާއަށް މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވުމާ ގުޅިގެން، ބައިނަލްއަޤުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 95 ޑޮލަރަށް ވެއްޓިއްޖެއެވެ.
ދުނިޔޭގެ އިޤުތިޞާދަށް އައި މި ބޮޑު ބަދަލުގެ މައިގަނޑު ސަބަބަކީ، ޙަމަލާތައް ހުއްޓައިލުމުގެ ޝަރުޠެއްގެ ގޮތުގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ ފުރުޞަތު އަލުން ހުޅުވައިލުމެވެ. މިއާއެކު މުޅި ދުނިޔޭގެ ތެލުގެ ބާޒާރުން އަށް އިންސައްތައިގެ ވެއްޓުމެއް ފެނިފައިވާއިރު، އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ ސޯޅަ އިންސައްތަ ދަށަށްގޮސްފައެވެ. އިއްޔެ 117 ޑޮލަރަށް ވިއްކި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 95.59 އެމެރިކާ ޑޮލަރުގައެވެ.
އިސްރާއީލާ ގުޅިގެން އެމެރިކާއިން ހިންގަމުންދިޔަ ޖަރީމާތައް އިތުރަށް ފުޅާކޮށް، އީރާނު އެއްކޮށް ހަލާކުކޮށްލާނެކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް ގެނވުނު މި ސުލްޙައިގެ އެއްބަސްވުމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާގްޗީ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެމެރިކާއިން އިސްވެ ހުށަހެޅި މި ނިންމުމަށް އެ ޤައުމުން އިޙުތިރާމުކުރާނެ ކަމަށާއި، އީރާނަށް އިތުރު ޙަމަލާއެއް ނުދޭހާ ހިނދަކު، އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކަނޑުބޯޓުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވައިފައެވެ.
ސާޅީސް ދުވަހަށް ދެމިގެންދިޔަ މި ނުރައްކާތެރި ކުރިމަތިލުންތަކަށް ފަހު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިހާރު ވަނީ މި ހަނގުރާމައިގައި އެ ޤައުމުގެ ފައުޖުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

