
ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފްލައިޓުގެ އަދަދު މަދުވެ، ކެންސަލްވި ނަމަވެސް ރާއްޖޭގެ ޑިމާންޑް ދަށްވާތަން ނުފެންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވިނަމަވެސް ރާއްޖެއަށް އޮތް ޑިމާންޑް ދަށްވިކަމަށް ނުދައްކައެވެ.
“ފަރާތްތަކުން އެކި ގޮތްގޮތުން ފްލައިޓް ހޯދައިގެން އަންނަމުން މީހުން ދަނީ ރާއްޖެ ދަނީ. އެހެން މިވަނީ ގަބޫލުކުރާ ގޮތުގައި ރިސޯޓްތަކުންވެސް ޕްރޮމޯޝަންސް އާއި މާކެޓިން އެކްޓިވިޓީސްވެސް ހިންގާތީ”ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ އިތުރުން ފްލައިޓްތަކާ ވާހަކަ ދައްކަމުންދާއިރު ބައެއް އެއާލައިންތަކުން ފްލައިޓްވެސް ދަނީ އިތުރު ކުރަމުންނެވެ. މިގޮތުން ހޫނު މޫސުމުގައި ޓާކިޝަން އެއާލައިނުން ފަސް ފްލައިޓުން ހަ ފްލައިޓަށް އިތުރުކޮށް އޮކްޓޫބަރު މަހުން ފެށިގެން 10ފްލައިޓުން 14ފްލައިޓަށް އިތުރު ކުރަން ދަނީ ވާހަކަ ދައްކަމުންނެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ މިދިޔަ މާރިޗު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް 20ފްލައިޓް ކެންސަލް ވަމުން ދިޔަނަމަވެސް މިހާރު ކެންސަލްވާ ފްލައިޓުގެ އަދަދު ވަނީ 16އަށް މަދުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ފްލައިޓްތަކެއް ކެންސަލްވިނަމަވެސް އަންނަ ފްލައިޓްތަކުގެ ސީޓް ކެޕޭސިޓީ އިތުރުވަމުންދާކަން ފާހަގަ ވެފައިވެއެވެ.

