
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކައްކާ ގޭހުގެ ވިޔަފާރިކުރަމުން އަންނަ ވިލާ ގޭހުން ވިއްކާ ގޭސްފުޅީގެ އަގު، ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.
މި ބަދަލާ އެކު، އެ ކުންފުނިން އާންމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ގޭހުގެ އަގުތަކަށް ބަދަލު އަންނާނެއެވެ. އެހެންނަމަވެސް، އަގުތަކަށް ގެންނަ ސީދާ ބަދަލެއް އެ ކުންފުނިން އަދި ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނިން ކަސްޓަމަރުންގެ އަތުން އާ އޯޑަރުތަކަށް ފައިސާ ނަގަމުންދާނީ ބޮޑުކުރެވޭ އާ އަގުތަކުގައެވެ. އެގޮތުން 10 ކިލޯގެ ގޭސްފުޅިއެއް ވިލާއިން ވިއްކާނީ 350ރ. އަށެވެ. އެ ސައިޒުގެ ފުޅިއެއް ކުރިން ވިއްކީ 200ރ. އަށެވެ.
ވިލާ ގޭހަކީ ރާއްޖޭގެ ގޭހުގެ ބާޒާރުގައި އެންމެ ބޮޑު އެއް ހިއްސާ އޮންނަ، އަދި ގިނަ ބަޔަކު އާންމު ދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ މަގުބޫލު ބްރޭންޑަކަށް ވުމާ އެކު، އަގަށް އަންނަ މި ބަދަލުގެ ސަބަބުން ގިނަ ގޭބިސީތަކަކަށާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހަރަދުތަކަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

