
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން އަޅަމުންދާ އިޤުތިޞާދީ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދުން ފެށިގެން އެ އިދާރާގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްޞަ ސިޔާސަތުތަކަކަށް އަމަލުކުރަން ފަށަން ނިންމައިފިއެވެ.
މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، އޮފީހުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން ރަސްމީ މަސައްކަތްތައް ކުރިއަށްގެންދާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމެވެ. ނަމަވެސް، މި ފިޔަވަޅުތަކާ އެކު ވެސް ރައްޔިތުންނަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް އެ އޮފީހުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެކަމުގެ ޔަޤީންކަން ޕީޖީ އޮފީހުން ދެއްވައެވެ. އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭ ފަދަ ޒަރޫރީ މަސައްކަތްތަކާއި، ކޯޓުތަކުގައި ކުރިއަށްދާ ޝަރީޢަތްތަކަށް މުވައްޒަފުން ގަވާއިދުން ހާޒިރުވަމުންދާނެކަމަށް އެ އިދާރާއިން ބަޔާންކުރެއެވެ.
އިދާރީ ހިންގުމަށް ހިނގާ ޚަރަދުތައް އިތުރަށް ކުޑަކުރުމުގެ މަޤުޞަދުގައި، އާންމުކޮށް ބާއްވާ ބައްދަލުވުންތައް އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށާއި، ކަރުދާހާއި ކަރަންޓު އަދި ދައުލަތުގެ އުޅަނދުތައް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި އޮފީސް ހުޅުވިފައި ހުންނަ ވަގުތުތަކަށް ވެސް ބަދަލުގެނެސް، މަދުކުރުމަށް ވަނީ ނިންމާފައެވެ.
ހަމައެއާ އެކު، އޮންލައިންކޮށް ބޭއްވުމުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށް ލަފާކުރެވޭ ބައްދަލުވުންތަކާއި، އެ ނޫން ގޮތަކަށް ނުބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިން އޮފީހަށް ހާޒިރުވެގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން އެ އޮފީހުން އިތުރަށް ފާހަގަކުރެއެވެ.

