
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއްގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.
އަދި އެ މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން މަސައްކަތް ފެށިކަމަށާއި އެ މީހާ ފަހުން ހޯދީ ވިލިމާލެއިން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފަހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ވެސް ފަސް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު ހޮސައިން (30އ)އާއި މުހައްމަދި މެހެދި ހަސަން (34އ)އާއި މުހައްމަދު ޝާ އަލަމް (39އ)އާއި ސަރފިފް ހަސަން (38އ)އާއި ރަސަލް (20އ)އެވެ.
އެ މީހުންގެ ބަންދަށް 15ދުވަސް ޖަހާފައިވާ އިރު އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

