
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، “އެފޯޑަބަލް ހައުސިންގ”މަޝްރޫއުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދަވާ “އެފޯޑަބަލް ހައުސިންގ”މަޝްރޫއުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްގީކުރާ 1224ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލައްވާފައި މިވަނީ ރޭ އެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ.
އެ ޒިޔާރަތުގައި ރައީސް ވަނީ އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ސީއެމްއީސީގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރައީސްގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ އެ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީހުތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެ ޒިޔާރަތުގައި، ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި އެ މަޝްރޫއުގެ ފައިނޭންސަރެއްގެ ގޮތުން ބީއެމްއެލްގެ އިސްވެރިންގެ އިތުރުން ސީއެމްއީސީގެ އިސްވެރިންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

