
މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މާދަމާ ކަމަށާއި، ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާނުކޮށްފިއެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން ގޮތް ނިންމުމަށް ބޭއްވި ފަލަކީ ކޮމެޓިގެ ބައްދަލުވުމަށްފަހު މިނިސްޓްރީން އިއުލާނު ކުރި ގޮތުގައި، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައެއް ނުވެއެވެ.
ހަނދާ ބެހޭ ބަޔާނުގައި ބުނީ، އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދުނު ފެނުނުކަން ޝަރުއީ ހަމަތަކުންގެ މަތީން ސާބިތުވެފައި ނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.
އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން، މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާނުކޮށްފައެވެ.
ސައުދީ އަރަބިއްޔާ އާއި އިސްލާމީ ގިނަ ގައުމުތަކަށް ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

