
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ތާއީދުކޮށްފިއެވެ.
އަދާލަތު ޕާޓީން ބުނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިންމި ނިންމުމަށް ތާއީދުކުރަން ނިންމީ، އެ ޕާޓޫގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ. އެއީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ނިންމި ނިންމުމެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
ސަރުކާރު ހިންގާ ޕީއެންސީން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކުން އެގޮތަށް ފާސްކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓު ނަގަން ނިންމަވާފައެވެ.
ސަރުކާރުގެ އެ ނިންމުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފައިވާއިރު މީގެ ކުރިން އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީވެސް ވަނީ ތާއީދުކޮށްފައެވެ.
ސަރުކާރުން ބުނަނީ އެގޮތަށް ބަދަލުކުރަން ނިންމީ، އިންތިހާބުތަކަށް ދާ ހަރަދުތައް ކުޑަކުރުމަށާއި ސިޔާސީ ހަމަޖެހުން ގެނައުމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނަކީ އެއީ އިންތިހާބުތައް ގަޑުބަޑުކޮށްލައި، ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި އެއީ ޑިމޮކްރަސީއާވެސް ހިފާލު ކަމެއް ކަމަށެވެ.

