
ރާއްޖެ ވަށައިގެންވާ ގައުމުތައް ދަނީ ހަކަތައަށް ދަތިވަމުންނެވެ. އިންޑިއާގެ ރައްޔިތުން ދަނީ ކައްކާ ގޭސް ނުވަތަ އެލްޕީޖީ ލިބުން ދަތިވެގެން މުޒާހަރާ ކުރަމުންނެވެ. ދިވެހިން އިންޑިއާއަށް އާއްމުކޮށް ގޮސް އުޅޭ ބެންގަލޫރުގެ މަޝްހޫރު ރެސްޓޯރެންޓްތައް ހުރީ ބަންދުކޮށްފައެވެ. އަދި އިންޑިއާއާ އިންވެގެން އޮންނަ ޕާކިސްތާނުގައި ތެޔޮ ލިބުން ތާށިވުމުގެ ސަބަބުން ޔުނިވާސިޓީ / ކޮލެޖުތައް ވަނީ ބަންދުކޮށްފައެވެ. އަދި ނޭޕާލް ވެސް އޮތީ އެ ހާލަތުގައެވެ. އަދި އަވަށްޓެރި ބަންގާޅިނަށް ވެސް ފެންނަނީ އެ މަންޒަރެވެ. އަދި ރާއްޖެއާ ކައިރިން ލަންކާ ވެސް ދަނީ އެފަދަ ކްރައިިސިސް އަކަށް ތައްޔާރު ވަމުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމޫޒް މަގު، ބަންދުވުމާ ގުޅިގެން، އޭޝިއާގެ ގައުމުތަކަށް ހަކަތައިގެ ބޮޑު ކްރައިސިސްއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޝިއާގެ ގައުމުތަކުން އިމްޕޯޓްކުރާ ސާފުނުކުރާ ތެލުގެ 59%އަކީ މެދުއިރުމަތިން އަންނަ ތެލެވެ. ނަތީޖާއަކީ މި ގެއްލުން ތެޔޮ އިންތިހާއަށް ބޮޑުވުމެވެ. އެހެންވެ ޔަގީންވާ ހަގީގަތަކީ ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއް އަވަސްކަމާއެކު ރާއްޖެއަށް އަންނާނެއެވެ.

އެހެންވެ ސަރުކާރުން ވަނީ މިހާލަތަށް ތައްޔާރުވާން ގިނަ ފިޔަވަޅުތަކެއް އަލަން ފަށާފައެވެ. އެންމެ އިސްކަމެއް ދީފައިވަނީ ކާބޯތަކެއްޗާއި ތެލުގެ ސަޕްލައި ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން އެސްޓީއޯއިން ވަނީ މި ހާލަތާ ގުޅިގެން ތެލުގެ އަގު ބޮޑުކޮށް، ދަތުރުފަތުގެ ހިދުމަތާއި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
ހަނގުރާމަ ފެށުމާއެކު ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. އެމެރިކާއިން އެމަޖެންސީ ރިޒާވުން ތެޔޮ ދޫކުރި ނަމަވެސް، ބާޒާރުގައި އޮތް ބިރުވެރިކަން އަދިވެސް ކުޑައެއް ނުވެއެވެ. ތެލުގެ އަގު ފީފާއަކަށް 100ޑޮލަރަށްވުރެ މައްޗަށް އަރައިގެން ދިޔުމަށްފަހު، މިހާރު ދަނީ އިންތިހާ އަށް އުފުލެމުންނެވެ. ރާއްޖޭން މިކަމަށް ހަމައެކަނި ގޮތްތަކެއް ހޯދަމުންދޭ ބުނެ ސަރުކާރުން ފުއްދައިލާއިރު، ދުނިޔޭގެ ގައުމުތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ކުޑަ މިސާލެއް އެންމެފަހުން ފެނުނީ ތައިލެންޑުންނެވެ. އެ ގައުމުގެ ގައުމީ ޓީވީގެ ލައިވްއެއްގައި ނޫސްވެރިން ވަނީ ލައިގެން ތިބި ޝޫޓް ބާލާފައެވެ. މީގެން ދެނީ މެސެޖެކެވެ. ސަރުކާރުން ވަނީ ރައްޔިތުންނަށް އެއާކޮންޑިޝަން 25އަށް ދަށް ކުރަން އަންގާފައެވެ. މި ކުޑަކަމުން ދޭ މެސެޖަކީ ކުޑަކަމަކުން ވެސް ހަކަތަ ބޭނުންވާ މިންވަރު ކުޑަ ކުރެވިދާނެއެވެ.
ހަކަތަ ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ބުރަ ކުޑަކުރަން އެކި ގައުމުތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް
ދެކުނު ކޮރެއާ – ފާއިތުވި 30އަހަރު ތެރޭ ފުރަތަމަ ފަހަރަށް ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.
ޕާކިސްތާން – ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން ސުކޫލުތައް ބަންދުކޮށް، ސަރުކާރު އޮފީސްތައް ހަފްތާއަކު ހަތަރު ދުވަހު ހުޅުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ބަންގްލަދޭޝް – ތެޔޮ ވިއްކުން ރޭޝަންކޮށް ނުވަތަ އާންމު ބަހުން ނަމަވެސް “އެސްޓީއޯ ރޭޓުން” ތެޔޮ ގުދަންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ވަނީ ނެރެފައެވެ.
ވިއެޓްނާމް – ދަތުރުފަތުރު މަދުކުރުމަށްޓަކައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ ބާރުއަޅާފައެވެ.
ފިލިޕީންސް – ސަރުކާރުގެ އޮފީސްތަކުގެ އޭސީ 24ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ނުކުރުމަށް ވަނީ އަންގާފައެވެ.
ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު އަހަރެމެންގެ ގިނަ މީހުން ވިސްނައެއް ނުލައެވެ. ނަމަވެސް ހަގީގަތަކީ ތެޔޮ އަގު އުފުލުމުގެ ސަބަބުން އަގަށް އަންނަ ބަދަލާއެކުު އަތުން ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ހަމައެކަނި ސައިކަލަށް ތެޔޮ އަޅާފަ ދެ ފަަހަރު ވިސްނާލުމުން އެ ބަދަލު ފެންނާނެއެވެ. ޔަގީންވާ ހަގީގަތަކީ ދުނިޔޭގެ ބާޒާރުގައި އަގު އުފުލުމުން ބޮޑުވާ އަދަދު އަހަރެމެންނާ ހަމައަށް އަންނާނެއެވެ. މިހާލަތުގައި ރާއްޖޭގައި އަގުބޮޑު ނުވާނެ ކަމަށް ވިސްނައިގެން ނުވާނެއެވެ.

