
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި، އިވެންޓް އަދި ޓްރެވެލް ދާއިރާގައި މަޝްހޫރު ހުސައިން ސަނީ އުމަރުގެ މައްޗަށް 44 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެފަދަ ދައުވާތަކެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސަނީގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ 3 ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ ޖިންސީ ކުށުގެ ދައުވާތައް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ އުމުރުން 7 އަހަރުވުމުގެ ކުރިން ފެށިގެން 2025 އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެކި ދުވަސްމަތިން، އެކި ތަންތަނުގައި އެކުއްޖާއަށް ޖިންސީ ގޯނާކޮށް، އެކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީ ކަމަށެވެ.
ޖިންސީ ކުށުގެ އިތުރު ދައުވާތައް އުފުލާފައިވަނީ ކުޑަކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލިކަމުގެ ތުހުމަތުގައެވެ. އަދި، ތިންވަނަ ދައުވާ އުފުލީ ކުޑަކުއްޖެއްގެ އުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލިކަމުގެ ތުހުމަތުގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތު ކުރެވިގެން، ފޯނު ހަވާލުކުރަން ކޯޓުން އަމުރު ނެރުމުންވެސް ފުލުހުންނާ ހަވާލުކޮށްފައި ނުވާތީ ކަމަށެވެ.
އަދި ފަހު ދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގައި ބޭނުންކުރި ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ.
މި މައްސަލަތައް ސާބިތުވެއްޖެނަމަ ސަނީގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

