
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އޭނާ އިލްތިމާސްކުރައްވައިފިއެވެ.
ގާސިމް މިއަދު ހަވީރު އެކްސްގައި ވިދާޅުވީ ދަތިހާލުގައި އުޅޭ ހުރިހާ ގޭބިސީތަކަށް މި ރޯދަމަހު ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ އޭނާ ދޭން ނިންމާފައިވާކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކާއި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި ލިންކެއް ބަޔަކު ދައުރުކުރަމުންދާ ކަމަށެވެ.
އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ އޭނާއާއި އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތްތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
“މިފަދަ ސްކޭމަރުންގެ ސަބަބުން އެތަށްބައެއްގެ ވަގުތުބޭކާރުވެ، އެތަށްބަޔަކަށް ދެރަ ނިކަމެތި ގޮތްދިމާވަމުންދެއެވެ. އެހެންކަމުން މިފުރުސަތުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި މި މައުލޫމާތު ހިއްސާކޮށްލަމެވެ. މިފަދަ ނޭންގާނީ އަމަލުތަކުން ދިވެހި މުސްލިމު މުޖުތަަޢު ސަލާމަތް ކުރައްވާށިއެވެ.” ގާސިމް ވިދާޅުވިއެވެ.
އެކިއެކި ކަންކަމުގައި ސްކޭމްކުރުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. އެހެންވެ އެފަދަ މައްސަލަތައް ބަލަން ފުލުހުން ވަނީ އެންޓި ސްކޭމް ސެންޓަރެއްވެސް ގާއިމުކޮށްފައެވެ.

