
މީގެ ތިން އަހަރު ކުރިން ވިލިމާލެ ފެރީ ޓާމިނަލްތެރޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.
ފެބްރުއަރީ 14، 2023 ވަނަ ދުވަހުން ހިންގި މި މާރާމާރީއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ.
މި މައްސަލައިގައި ޝަފީގު މީގެ ކުރިން ވަނީ ކުށަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ ދިފާއު ސާބިތުކުރުމަށް ހެކިވެސް ހުށަހެޅިއެވެ. ނަމަވެސް ތިން އަހަރު ފަހުން އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ.
އެހެންވެ، މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 4 އަހަރުގެ މުއްދަތެކެވެ.

