
އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ރައްޔިތެއް ދެނެގަނެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 13ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި، މަރުވެފައިވާ މީހަކު ފެނިގެން ކުރެވުނު ރިޕޯޓާ ގުޅިގެން، މަރުވެފައިވާ މީހާއަކީ ކާކުކަން ދެނެގަތުމަށް އާންމުގެ އެހީތެރިކަމާ އެކު މިހާރު އެއީ ކާކުކަން ދެނެގަނެވިފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ޢުމުރުން 60 އަހަރުގެ ޑެނިއަލް ޖިއޮވީންކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މީހާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުންގެ ޚިދުމަތުން މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

