
މިއަހަރުގެ ޖެނުވަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ދައުލަތަށް މުދަލު ޒަކާތް ދެއްކި މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 11.8މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. މިއަހަރުގެ ޖެނުވަރީ މަހު ދައްކާފައި ވަނީ 5.9މިލިއަން ރުފިޔާއެވެ.
އެހެންކަމުން މިއީ މިއަހަރުގެ ފުރަތަމަ މަހާ އަޅާބަލާއިރު 99.5ޕަސެންޓްގެ އިތުރުވުމެކެވެ.
މިރާގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 17.9މިލިއަން ރުފިޔާ ވަނީ މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައެވެ.
މުދަލު ޒަކާތުގެ މިހާރުގެ ނިސޯބަކީ 19،527.90ރުފިޔާއެވެ. އެ އަދަދަށް ނިސޯބު ބޮޑުވެފައި ވަނީ މިދިޔަ ޑިސެމްބަރު 21ވަނަ ދުވަހުއެވެ. އޭގެ ކުރިން ނިސޯބު ހުރީ 11،191.95ރުފިޔާގައެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ އެކު ޒަކާތުގެ އަގަށް ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރަށް ބަދަލުއާދެއެވެ.

