
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 2.80ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުން ލިބުނު 126.85މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2025ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 0.8އިންސައްތައިގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތައް
ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މަދުވުން.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ލިބުނު މިންވަރު ދަށްވުން.
ޓޫރިޒަމް ލޭންޑް ރެންޓް (ބިމުގެ ކުލި)މަދުވުން.
މިދިޔަ މަހު ލިބުނު އާމްދަނީއަކީ އަންދާޒާ ކުރި މިންވަރަށް ވުރެ 11.6އިންސައްތަ ދަށް އަދަދެކެވެ. އެއީ ޖީ.އެސް.ޓީއާއި ގްރީން ޓެކްސް ފަދަ މުހިންމު ދާއިރާތަކުން ލިބުނު އާމްދަނީ އުންމީދު ކުރި ވަރަށް ވުރެ މަދުވުމުންނެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާތައް
ޖީއެސްޓީ : 52.3% (1,462މިލިއަން ރުފިޔާ)
އިމްކަމް ޓެކްސް – 21.4% (599މިލިއަން ރުފިޔާ)
ގްރީން ޓެކްސް – 7.2% (200މިލިއަން ރުފިޔާ)
ޑިޕާޗާ ޓެކްސް – 4.8% (134މިލިއަން ރުފިޔާ)
އެއާޕޯޓް ޑިވްލޮޕްމަންޓް ފީ – 4.0% (113މިލިއަން ރުފިޔާ)
މި ރިޕޯޓް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ 16.9އިންސައްތައަކީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ހިންގި ޚާއްސަ ހަރަކާތްތަކުން ލިބުނު ފައިސާއެވެ. އަދި 19.0އިންސައްތައަކީ ކުރީގެ ސުންގަޑިތަކާ ގުޅޭ ފައިސާއެވެ.

