
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ތަރިޖެހިއާގެ / މާލެ، އިސްމާޢީލް އަބާން ޢަބްދުﷲ (25އ)، އަދި ސ. މަރަދޫ / ރަތްމާގެ، އަޙްމަދު ދާން ފަރްހޫދު (19އ) ކަމަށެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މާރިޗު މަހުގެ 5ވަނަ ދުވަހު، ފުލުހުންގެ ޑްރަގު އެންފޯސްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ދެ މީހުން ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 5ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

