
ރާއްޖެއާއި މޮރިޝަސްގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަކީ އިސްތިއުމާރީ ދުވަސްވަރަށްފަހު އައި ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކެއްގެ ގޮތުން ހުރި އެއްގޮތް ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ނަމަވެސް، ފޯޅަވަހި ނުވަތަ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރާއި ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން އުފެދުނު މައްސަލަތަކުގެ ސަބަބުން މި ގުޅުމަށް ވަނީ ބޮޑެތި ލޮޅުން ތަކެއް އަރާފައެވެ. ރާއްޖެ އާއި މޮރިޝަސް އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ 15 ޖެނުއަރީ 1981 ގަ އެވެ. ނަމަވެސް މި ގުޅުމަށް 45 އަހަރުފަހުން މިވަނީ ރަސްމީކޮށް ކުނިޖެހި ނިމުމަކަށް އައިސްފަ އެވެ. އިއްޔެ އެ ގައުމުން ނިންމި ނިންމުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ވަނީ “ސަސްޕެންޑް” ވެފަ އެވެ. ދެގައުމުގެ ގުޅުން ނިމިގެން ދިޔައިރު ސުވާލަކީ މިއީ ކިހާ ގުޅުން ބޮޑު ދެ ގައުމު ހެއްޔެވެ؟
ރާއްޖެއާއި މޮރިޝަސްއަކީ ވެސް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ކުރިން އޮތް ދެ ގައުމެވެ. ރާއްޖެ މިނިވަންވީ 26 ޖުލައި 1965 ގައެވެ. މޮރިޝަސް މިނިވަންވީ 12 މާރިޗު 1968 ގައެވެ. ދެ ގައުމުން ވެސް މިނިވަންވުމަށްފަހު އދ. އާއި ކޮމަންވެލްތުގެ މެންބަރަކަށްވެ، ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަން ފެށި އެވެ. ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ބޮޑަށް ބިނާވެފައި އޮންނަނީ މަސްވެރިކަމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކަށް ވަކާލާތު ކުރުމަށެވެ. އެއް ގަލަށް އަރަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގަ އެވެ. މި ގުޅުމުގެ ދަށުން ރާއްޖެއާއި މޮރިޝަސްއަކީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން ޖަމްއިއްޔާއެކެވެ. މި ޖަމިއްޔާގެ މައި އޮފީސް ހުންނަނީ މޮރިޝަސް ގަ އެވެ. މި ޖަމިއްޔާގެ 22 ވަނަ މެންވަރުގެ ގޮތުގައި ވެފައިވަނީ 2018 ވަނަ އަހަރު އެވެ. މީގެ އިތުރުން، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ވަކާލާތު ކުރެ އެވެ.
ދެ ބަސްވުން އުފެދުނީ ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލައިން
މޮރިޝަސް އާއި ރާއްޖޭގެ ގުޅުން ގޯސްވާން ދިމާވި މައިގަނޑު ސަބަބަކީ ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލަ އެވެ. އެގޮތުން 1965 ގައި އިނގިރޭސިވިލާތުން މޮރިޝަސްގެ ދަށުން ފޯޅަވަހި ވަކިކޮށް، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އުފެއްދި އެވެ. މޮރިޝަސް އިން ވަކާލާތު ކުރަމުން ދިޔައީ މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި 22 އޮގަސްޓު 2022 ގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކުން، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ގަބޫލުކުރެއްވި އެވެ. މި ނިންމުމަށް ރާއްޖޭގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވިއެވެ.
އިޓްލޮސް ގެ ނިންމުން
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާތީ، މޮރިޝަސްއިން އެ މައްސަލަ އިޓްލޮސް އަށް ހުށަހެޅިއެވެ. އަދި 28 އޭޕްރީލް 2023 ގައި އިޓްލޮސް އިން ނެރުނު ހުކުމުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ބަލައިގެން ކަނޑުގެ ސަރަހައްދު ދެބައި ކުރިއެވެ.
ކަނޑުބެހި ގޮތް
ރާއްޖެއަށް 47,232 އަކަކިލޯމީޓަރުގެ ސަރަހައްދެއް
މޮރިޝަސް އަށް 45,331 އަކަކިލޯމީޓަރުގެ ސަރަހައްދެއް
ބްލެންހެމް ރީފް އަށް ދިނީ “ހާފް އިފެކްޓް”
ސިޔާސީ ގޮތުން މައްސަލަތައް ހުރި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކެއް އޮވެ އެވެ. އެގޮތުން 2024 ވަނަ އަހަރު ރާއްޖެއިން މޮރިޝަސް އަށް އެކްސްޕޯޓް ކުރި މުދަލުގެ އަގު 15.4 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޕެޓްރޯލިއަމް ގޭހެވެ. ހަމައެއާއެކު، މޮރިޝަސް އިން ރާއްޖެ އަށް ފަރުނީޗަރާއި ފޭރާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެ އެވެ.
ފޯޅަހި މިލްކުވެރިކަމުގައި ކުރާ ދައުވާގެ ހެކިތައް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވަނީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްއަށްވުރެ ބޮޑު ހައްގެއް ރާއްޖެއަށް އޮތް ކަމަށެވެ. މިކަމަށް ހުދު އިނގިރޭސި ސިޔާސީ މީހުންވެސް ހެކިވެ އެވެ.
ރާއްޖޭގެ ދައުވާ ބިނާކުރާ ހެކިތައް
އާސާރީ ހެކި: ފޯޅަވަހިން ފެނިފައިވާ 900 އަހަރުވީ މަހާނަ ގާތަކުގައި ދިވެހި ބަހުން ލިޔެފައި ހުރުން.
ރަސްމީ ލިޔުންތައް: 1560 ވަނަ އަހަރު ސުލްޠާން ޙަސަން 9 ވަނަ ލިޔުއްވި ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ތަނެއް ކަމަށް ބަޔާންކުރައްވާފައި އޮތުން.
ދިވެހި ނަންތައް: ފޯޅަވަހީގެ ރަށްތަކަށް ދިވެހިން ކިޔާފައިވާ ނަންތަކަކީ އިސްތިއުމާރީ ބާރުތައް އައުމުގެ ކުރިން ކިޔާފައިވާ ނަންތައް ކަމަށްވުން.
ފެބްރުއަރީ 2026 ގައި ރައީސް މުއިއްޒު ވަނީ ރައީސް ސޯލިހު ފޮނުއްވި ސިޓީ ބާތިލުކުރައްވައި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ގާނޫނީ މަސައްކަތް ފައްޓަވާފައެވެ.
މިއީ ޖިއޯޕޮލިޓިކްސްއާ ގުޅުން އޮތް މައްސަލައެއް
ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި ރާއްޖެ އާއި މޮރިޝަސްގެ މައްސަލައެއް ނޫނެވެ. މިއީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު އޮންނަ ދިއެގޯ ގާސިއާ އަކީ މި ސަރަހައްދުގެ އެންމެ މުހިންމު ތަނެވެ. އަދި 2025 ގައި އިނގިރޭސިވިލާތުން މޮރިޝަސް އަށް ސިޔާދަތީ ބާރު ދޭން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ.އަދި އިންޑިއާއިން މޮރިޝަސްގެ ދައުވާއަށް ތާއީދުކޮށް، އެ ގައުމަށް 680 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަލާމަތަށް ވެސް އިންޑިއާއިން ދަނީ އެހީތެރިވަމުންނެވެ. ނަމަވެސް އިއްޔެ މޮރިޝަސްއިން ވަނީ ރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުމެއް ކަނޑާލާފަ އެވެ. މޮރިޝަސް އިން މި ނިންމުން ނިންމީ ރައީސް މުއިއްޒު ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ބާރު އޮތް ކަމަށް ވިދާޅުވެ، މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކުރަން ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.
މި ވަގުތު ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ރާއްޖެއިން ދަނީ ކޯސްޓްގާޑް އުޅަނދުތަކާއި ޑްރޯން ބޭނުންކޮށްގެން ދެކުނުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.

