
އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އޮންނަ އާރިކުޅީގައި އަލިފާނުގެ ހަދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު އެކެއް ޖަހާ ކަންހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެ އިދާރާއިން ބުންޏެވެ.
ފަޔާ ފައިޓަރުން ކުރި މަސައްކަތުން މިއަދު މެންދުރު 03:30ކަންހާއިރު އަލިފާންގަނޑު ނިއްވާލެވުނު ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އަލިފާނާ ގުޅިގެން ކުޅިއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރެ އެވެ.
އާރިކިޅީގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު އައްޑޫ މަތިކިޅި އިކޯގާޑަންގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހު ވެސް ރޯކޮށްލުމުން އިކޯގާޑަން ވަރަށް ބޮޑަށް އެނދިއެވެ.

