
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސޯސްއަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް މިއަދު އިއުލާންކުރައްވައިފިއެވެ.
އައްޑޫ ސިޓީން ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިވުމާ ގުޅޭ ގޮތުން އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގީ މިދިޔަ އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހުއެވެ. އެ ވޯޓުން ހުޅުދޫ އަދި މީދޫ ވަކިވާން ނިންމި ނަމަވެސް ފޭދޫން ނިންމީ އައްޑޫ ސިޓީން ވަކި ނުވުމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫ ސިޓީގެ އިހުތިސޯސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.

