
ޔުނައިޓެޑް ޢަރަބް އެމިރޭޓްސް(ޔޫއޭއީ)ގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝައިހު ރަހްމާން ބިން އަބްދުލްރަހްމާން ބިން ރަހްމާ އަލް ޝަމްސީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސް އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޝައިހު ރަހްމާންގެ ސަފީރުކަމުގައި، ރާއްޖެއާއި ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ހާސިލުކުރެވުނު ކުރިއެރުންތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ޔޫއޭއީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީކަން ވެސް ރައީސް މުއިއްޒު އެ ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
ސަފީރު ވަނީ ރައީސް މުއިއްޒުގެ މި ދައުރުގައި ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްގީއަށް ތައުރީފްވެސް ކުރައްވައިފައެވެ.
މިބައްދަލުވުން ނިންމަވާލެއްވީ ރާއްޖެއާއި ޔޫއޭއީއާ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

