
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރީ -ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26000އަށް ވުރެ ގިނަ މީހުން ރީ -ރަޖިސްޓްރީ ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި، 26454 ފަރާތަކުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި 21 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީވެފައިވާ ކަމަށާއި ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމެއްގައި ވޯޓުފޮށި ބެހެއްޓޭވަރަށް ރަސްޓަރީކޮށްފައި ނުވާތީ، މި އިންތިޚާބުގައި އެއްވެސް ބޭރު ޤައުމެއްގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށް އީސީން މަޢުލޫމާތުދެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މަޢުލޫމާތު މިހާރު އެސްއެމްއެސް މެދުވެރިކޮށް، އަދި އީސީގެ ޕޯޓަލް މެދުވެރިކޮށް ވެސް ބަލައިލެވޭނެ ކަމަށް އީސީން ބުނެއެވެ.
އަންނަ އޭޕްރީލު މަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ޖުމްލަ 3 އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގިގެންދާ ވޯޓެވެ.

