
ދިވެހިރާއްޖޭގެ ސަރުކާރު ދެމި އޮންނާނީ ހުރިހާ ރައްޔިތުން ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިޖްތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށާއި އެއީ އިޖުތިމާޢީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުގެ އަމާޒަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތުތަކާއި ރައްޔިތުންގެ ކަރާމާތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ އަދި ހަމަހަމަ ގޮތުގައި ލިބޭނެ ގޮތް ފަހިކޮށްދީ އެކަންކަން ޔަޤީންކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އިޖުތިމާޢ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާ އެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމުތައް ޤާއިމްކޮށް ދިނުމާއި އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަަށް ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިޤްތިޞާދީ ފުރުސަތުތައް ހަމަހަމަކަމާ އެކު ފަހިކޮށްދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ގޮންޖެހުންތައް އެބަހުރިކަމާއި ކުރިމަގުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭކަން ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ޙަޤީޤަތަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.

