
ރާއްޖޭގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ އާއިލީ ކުންފުނިން ހަދާ ރިސޯޓުގެ ފައިދާ ޑިޖިޓަލްކޮށް ގަނެ ވިއްކޭ ގޮތަށް “ޓޯކަނައިޒް” ކުރަން މަސައްކަތް ފަށައިފިއެވެ.
ކްރިޕްޓޯ ކަރަންސީގެ ހަބަރުތައް ގެނެސްދޭ ސައިޓްތަކުގައިވާ ގޮތުން ރާއްޖޭގައި ހިންގަން ނިންމާފައިވާ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް މަޝްރޫއުގެ އިންވެސްޓްމަންޓްތައް ޑިޖިޓަލް ޓޯކަންތަކެއްގެ ގޮތުގައި ޓޯކނައިޒް ކުރުމަށް ވޯލްޑް ލިބަޓީ ފައިނޭންޝަލް މާކެޓާ ގުޅިގެން ވަނީ މަސައްކަތް ފަށާފައެވެ.
ޓޯކަނައިޒޭޝަންއަކީ ކޮބާ ؟
މިއީ ރިއަލް އެސްޓޭޓްގެ ހިއްސާ ނުވަތަ އާމްދަނީން ލިބޭ މަންފާ ބްލޮކްޗެއިން މެދުވެރިކޮށް ޑިޖިޓަލް ޓޯކަންގެ ގޮތުގައި ގަނެވިއްކޭނެ ގޮތް ހެދުމެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ރިސޯޓް ހުޅުވުމުގެ ކުރިން ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ޓޯކަންތައް ގަންނަ ފަރާތްތަކަށް ރިސޯޓުން ލިބޭ އާމްދަނީން ވަކި މިންވަރެއްގެ ފައިދާއެއް، ފަހުން ރިސޯޓް ވިއްކާލައިފި ނަމަ އޭގެ ފައިދާ ވެސް ލިބޭނެއެވެ.
ރާއްޖެއާ ބެހޭ ގޮތުން ކްރިޕްޓޯ ބާޒާރުގައި ފެތުރިގެން ގޮސްފައިވާ މި ހަބަރާ އެކު ކްރިޕްޓޯ މާކެޓަށް ވެސް ވަނީ ބަދަލު ތަކެއް އައިސްފައެވެ. އެގޮތުން އެތެއަމް ކްރިޕްޓޯ ކަރަންސީގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 1,947 ޑޮލަރުގައެވެ.
ރާއްޖޭގައި އެމެރިކާގެ ރައީސްގެ އާއިލާއިން ހިންގާ މި މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާގްލޯބަލް އަދި ސެކިއުރިޓައިޒް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ރިސޯޓުގައި ގާތްގަނޑަކަށް 80 އާއި 100 އާ ދެމެދުގެ އަދަދަކަށް ވިލާ ހުރެއެވެ. މީގެ ތެރޭގައި މޫދުވިލާ، ބީޗްވިލާ ވެސް ހިމެނެއެވެ. މި ރިސޯޓް އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުވަތަ މާލެއިން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރާސްތާއެއްގައެވެ.

