
ކަނޑުމަގުން އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ދިވެހި ކަސްޓަމްސް ސަރވިސްއިން މިއަދު އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި މަހުގެ 12ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރި ކަމަށާއި އެ ތަކެތީގެ ޓެސްޓުތަކުން ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް، 12 ފެބުރުވަރީ 2026 ވަނަ ދުވަހު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައި. ފުރަތަމަ މަރުޙަލާގެ ޓެސްޓުތަކުން މިތަކެތި ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި. pic.twitter.com/QLXrA3HgT0
— Maldives Customs Service (@CustomsMv) February 14, 2026
މީގެ އިތުރުން މި ތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީޤުކުރުމަށްޓަކައި، އަތުލެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

