
މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލު 400ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާތީ މި ރަމަޟާން މަހަށް ގޭބިސީތަކަށް އަންނާނީ ވަކި ބިލެއް ކަމަށެވެ.
ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ.… pic.twitter.com/LExeaKUNQj
— STELCO (@STELCOMALDIVES) February 14, 2026
މީގެއިތުރުން ސްޓެލްކޯއިން ބުނީ، ރަމަޟާން މަހަށް ތައްޔާރުކުރާ ވަކި ބިލުގެ ރީޑިންގ ނެގުމުގެ މަސައްކަތް މި ފެބުރުވަރީ މަހުގެ 16އަދި 17ވަނަ ދުވަހު ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަށް ހުރިހާ ކަސްޓަމަރުން ވެސް އެ ކުންފުންޏަށް އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމެވުމުގެ އިތުރުން ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއް ވެސް ރައީސުލްޖުމްހޫރިއްޔާ ހަދިޔާކުރައްވައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް ވެސް އުފުލުނަނުދީ ހަމައަގުގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.

