
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގަށް ވަސްޓްއެޕް މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް މުމްބާއީ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ރަންވީރަށް މަރުގެ އިންޒާރު ފޮނުވާފައިވަނީ ކާކުކަން ނޭންގޭ ނަންބަރަކުން، ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި ވޮއިސްނޯޓަކުންނެވެ. އެއީ ކާކުކަން ނޭންގުނަސް، އެއީ އިންޑިއާގައި ފުޅާދާއިރާއެއްގައި ކުށްކުރާ ގޭންގެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ގޭންގުގެ މީހަކު ފޮނުވި މެސެޖެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ ގޭންގަކީ 700އަށްވުރެ ގިނަ ކުށްކުރާ މީހުންގެ ނެޓްވޯކެކެވެ. މީގެ ކުރިން ސަލްމާން ހާންއަށްވެސް އެގޭންގުން ވަނީ އިންޒާރުތަކެއް ދީފައެވެ.
ރަންވީރަށް އިންޒާރު ލިބުމާއެކު އޭނާ ފިރިއުޅޭ ގޭގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. މިހާރު އެގޭގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނީ މުމްބާއީ ފުލުހުންގެ ޓީމަކުންނެވެ.
އޭނާއަށް މި އިންޒާރު ދިނީ ކީއްވެ ކަމެއް، އަދި އެ ވޮއިސްނޯޓުގައި ބުނަނީ ކީކޭ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ރަންވީރު ލީޑު ރޯލުން ފެންނަ ‘ދުރަންދަރު’ފިލްމަށް ވަނީ އިންޑިއާގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. ނަމަވެސް ޕާކިސްތާނާ ގުޅުން ހުރި ފިލްމެއް ކަމުން، އެގައުމުގެ މީހުން ދަނީ އެ ފިލްމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ރަންވީރަށް މަރުގެ އިންޒާރު ލިބުނުއިރު، މިދިޔަ މަހު ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިޓް ޝެޓީގެ ގެއަށް ބަޔަކު ބަޑި ޖަހައިފައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މި ދެ ކޭސް ގިނަ ބަޔަކު ދަނީ ގުޅުވަމުންނެވެ.

