
ރަށްރަށުގެ އާންމު ތަންތަނުގައި ބިކިނީގައި އުޅޭ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ހުށަހެޅުއްވި ޕެޓިޝަންގައި ވިދާޅުވީ ރަށްތަކުގެ އާންމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީން/ގެސްޓުން އުޅޭ މައްސަލައިގެ ސަބަބުން އިސްލާމީ އަހުލާގާއި ދިވެހި ކާބަފައިން ދޫކުރެއްވި ރިވެތި ސަގާފަތާއި އާދަކާދަތައް ނެތިގެންދާކަމީ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ
އަދި އެއީ އޭގެ ނޭދެވޭ އަސަރު ދިވެހި ޅަ ދަރިންނަށް ކުރުމާއި އެ ކުދިން އިސްލާމީ އަހުލާގުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ބޮޑެތި ހުރަސްތައް އެޅޭ ކަމެއް ކަމުގައި ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ މައްސަލައެއް ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.
އެހެންވެ ޒަމްޒަމް އެދިވަޑައިގެންފައިވަނީ މިހާރު ހުރި ގަވައިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް އެއާ ޚިލާފުވާ ފަރާތްތަކާ މެދު ކަންކުރާނެ ގޮތުގެ އިތުރު ޤާނޫނުތައް ހަދައި އެ ފަރާތްތަކާ މެދު ގަނޫނީ ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް އެކަށައަޅައި އެ މައްސަލަ ހައްލުކޮށްދެއްވަމަށެވެ.
ބިކިނީގައި އާންމު ތަންތަނުގައި އުޅޭ ތަންތަނުގައި މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮގަސްޓު މަހު އއ. އުކުޅަހުގައި ވާހަަކަ ދައްކަވަމުން ވެސް ފާހަގަ ކުރެއްވި އެވެ.

