
ކެންސަރަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯތެރެޕީގެ ފަރުވާ އަތޮޅު ތެރޭގައި ފެށުމަކީ ރާއްޖޭގައި ކެންސަރަށް ފަރުވާ ދިނުމުގައި ލިބުނު ކުރިއެރުމެއްކަމަށް ރައީސް ޑރ. ،މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ އާއިލާތަކަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން، ފަރުވާއަށް ހިނގާ މާލީ ހަރަދުތަކުގެ ސަބަބުންވެސް ނުތަނަވަސްކަމާ ކުރިމަތިކުރުވާ ކަމަށެވެ.
އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބަލިމީހުންނާއި ޢާއިލާތަކާ ގާތުން އޮންކޮލޮޖީ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތްތައް މިދިޔަ މަހު އިފްތިތާހުކުރެވިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިއީ ކެންސަރަށް ރާއްޖޭގައި ފަރުވާ ދިނުމުގައި ލިބުނު ކުރިއެރުމެއް ކަމަށާއި އެއާއެކު މާލީގޮތުންނާއި އަދި ނަފްސާނީ ގޮތުން ކުރިމަތިވާ އުނދަގޫތަކަށް ވެސް ލިބުނު ކޮންމެވެސް ވަރެއްގެ ހައްލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކެންސަރު ބަލީގައި ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާކަން ފާހަގަކުރައްވައި، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، ބަލިން ރައްކާތެރިވުމަށާއި، ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އަމިއްލަ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް، ރައީސް މުއިއްޒު ތައުރީފްކުރެއްވިއެވެ.

