
މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތެރޭގައި މަސްދަޅު ކޭސް ބަހަން ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1447ވަނަ އަހަރުގެ ރަމަޟާން މަހަށް، ރޯދަ ޙަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުން ހަމައެކަނި ރޭގެ ނިޔަލަށް 4805 ގޭބިސީއަކުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ހުރިހާ ގޭބިސީއަކަށް ވެސް ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހަދިޔާ ހޯދުމަށް މާލޭގައި މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވޭ. މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު.
އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ދަނީ…— Adam Shareef Umar (@Adamshareefz) January 24, 2026
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެޔަކު ވެސް 20:00 އިން ފެށިގެން 23:00 ހަމަޔަށެވެ. ޓޯކަން ނެގުމަށް ޕޯޓަލް ލިންކް މެދުވެރިކޮށް ޝެޑިއުލް ހަމަޖެއްސޭނެއެވެ.
މާލޭގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަންތަން:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ބޯޅަދަނޑު
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަންތަން:
ޢުމަރުޒާހިރު ބިލްޑިން
ޕޮލްކޯ ޓަވަރ
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަންތަން:
ކާމިލުދީދީ ސްކޫލް
ހިޔާޓަވަރު 10
އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅު ކޭސް ބަހުމުގެ މަސައްކަތް ކުރިއަށްގެންދާ ތަން:
ވެމްކޯސައިޓް
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ފާއިތުވި ރަމަޟާން މަހަށް ވެސް ވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ. މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 1،18773 ގޭބީސީއަކަށެއެވެ. އެއީ މާލެ ސަރަހައްދުން 61،755 ގޭބީސީއަކަށާއި އަތޮޅުތެރޭގެ 56،918 ގޭބީސީއަކަށެވެ.

