
ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް މިއަދު ފަށައިފި އެވެ.
މި އަހަރުގެ ޖެނުއަރީގައި ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއީ ނ. ވިިހަފަރުގައި އެއާޕޯޓު އެޅުމުގެ މަސައްްކަތް މި އަހަރު ފަށަން ތާވަލުކޮށްފައިވާތީއާއެކު ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފެށީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ވައިގެ މަގުން ކުރެވޭ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި އެ ހިދުމަތް ފެށުމުގެ ސަބަބުން އެ ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ވެލިދޫއަކީ މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ސީޕްލޭންގެ ހިދުމަތް ތަޢާރަފުކުރެވުނު މީހުން ދިރިއުޅޭ ތިންވަނަ ރަށެވެ.
ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށިއިރު އެ އަތޮޅުގެ ފޮއްދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ.

