
ދިވެހި ބަހާ ގުޅޭ ގޮތުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އިން ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެޕްލައިޑް ލިންގުއިސްޓިކްސް(ދިވެހި ބަސް)އިން ޕީއެޗްޑީ ހަދަން ބޭނުންވާ ފަރާތްތަކުން އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 26ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ތިން އަހަރާއި ހަ އަހަރުން ފުރިހަމަކުރެވޭ އެ ޕީއެޗްޑީ ކޯހުގެ އަގަކީ 93،600ރުފިޔާއެވެ.
އެ ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ގަބޫލުކުރާ ލެވެލް ނުވައެއްގެ ސަނަދަކާއި ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.
އެމްއެންޔޫއިން ބުނީ އެ ކޯހަށް ދަރިވަރުން ހޮވާނީ އެ ޔުނިވާސިޓީގެ ހަޔާ ޑިގްރީސް ކޮމިޓީއަކުން ކަމަށެވެ.
އެގޮތުން ކޯހަށް ދަރިވަރުން ހޮވުމުގައި ދަރިވަރުގެ ތައުލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް ކޮށްފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާޗް ޕްރޮޕޯސަލްގެ ފެންވަރަށް ބަލާނެ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

