
މިދިޔަ އަހަރު ފާސްކޮށް ތަސްދީގުކުރި ޒަކާތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޒަކާތު ކައުންސިލުން، މޯލްޑިވްސް ޒަކާތު ހައުސްގެ އާ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޝައިޚް އިމްތިތާއު އައްބާސް އައްޔަންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިމްތިތާއު އެ މަގާމަށް އައްޔަނުކުރީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަގާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމުމުންނެވެ.
ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް އައްޔަނުކުރުމާ ހަމައަށް އިމްތިތާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
އޭނާ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަގާމުތަކާއި ލަފާއަރުވާ ރޯލުތައް އަދާކުރައްވާފައިވެއެވެ.
އޭގެ އިތުރުން ޒަކާތު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަގާމު ވެސް އިމްތިތާއު ވަނީ އަދާކުރައްވައިފައެވެ.
އިމްތިޠާއުއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ހަދީސް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.

