
ތ. ވިލުފުށީގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަޝްވަރާކޮށްފި އެވެ.
ވިލުފުށީ ކައުންސިލްގެ އިސް މެމްބަރުންނާއެކު އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު ފިޝަރީޒް މިނިސްޓްރީގަ އެވެ.
އެ ބައްދަލުވުމުގައި ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް އަދި ސްޓޭޓް މިނިސްޓަރ އާމިނަތު ހުސެއިން ޝަރީފް ބައިވެރިވެވަޑައިގެންނެވި އިރު ކައުންސިލްއިން ވަނީ ވިލުފުށީގެ މަސްވެރީންނަށް މިހާރު ދިމާވެފައިވާ ދަތިތައް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.
އަދި އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރި އެވެ.
އެގޮތުން ވިލުފުށީގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ ސްޕޯޓްސް ފިޝިން ކަނދުފަތީގެ މަސައްކަތް އަވަސްކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށްޓަކައި ވިލުފުށީގައި ކުރެވިދާނެ މަސައްކަތްތަކާއި އަދި މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.

