
މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ)އެވެ. ނަދީފް މުޙައްމަދު ހައްޔަރުކޮށްފައި ވަނީ 2025ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހުގެ ވަގުތެއްގައި މީހެއްގެ ކަސްޓަމަރަކު އޭނާއަށް ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2025 ޑިސެންބަރު 29ވަނަ ދުވަހުއެވެ.
މިމައްސަލައިގައި މިހާތަނަށް ބެލިބެލުމުން އޭނާ ވަނީ 29،600އަށް ވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގައިފައެވެ. އަދި 4900އަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެފައިސާތައް ނަގާފައިވާކަން ވެސް އެނގިފައެވެ. މީގެ އިތުރުން ނަދީފް މުޙައްމަދަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. އަދި އޭނާއަށް ދީފައިވާ ފުރަތަމަ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.

