
ފަހަކަށް އައިސް ނަގަން ޖެހޭ ހުއްދަ ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށްގެން ވިއްކަމުންދާ ކަމަށާއި، ހާއްސަކޮށް ބަރުދަން ލުއިކުރުމުގެ ނަމުގައި ނުރައްކާތެރި ބޭހެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ބޭހެއްވެސް ރާއްޖެއަށް އެތެރެކުރެވޭނީ އެކަމަށް ބޭނުންވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި ހިމެނޭ ބޭސް އެކަނި ކަމަށެވެ.
ނަމަވެސް ހުއްދަ ނުނަގައި ތަފާތު އޮންލައިން ޕޭޖްތަކުގައި ބޭސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ‘ސެމަގްލުޓައިޑް’ ނަމަކަށް ކިޔާ ބޭހަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ ‘އެޒެލެއިން އެސިޑް’ އަކީ މޫދުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖްތަކުގައި އިޝްރިހާރުކޮށް، ވިއްކަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
“މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެވެ. އަދި ފާމަސީތަކުވެސް މިފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުން ލިޔެދީފައިވާ ބޭސްސިޓީއަށެވެ.” އެ ބަޔާނުގައިވެއެވެ.
އަދި އެފަދަ ބޭސްތައް އެގޮތަށް ބޭނުންކޮށްގެން ހީވެސްނުކުރާފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ހުއްދަ ނުނަގައި އެގޮތަށް ބޭސް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސްވަނީ ދީފައެވެ.

