
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަލް މަރުހޫމް މުހައްމަދު ނައީމް ހުސެއިން ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 74 އަހަރުގައި ނައީމް ނިޔާވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އޭނާގެ މަރު ހަބަރު ސޯޝަލް މީޑިއާއަށް ތިލަވީ މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން އޭނާގެ އަގު ވަޒަންކޮށް އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވެސް މިއަދު ވަނީ ނައީމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދަންނަވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ. މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ… pic.twitter.com/XdCUycQmyZ
— Dr Mohamed Muizzu (@MMuizzu) January 13, 2026
ރައީސް ވިދާޅުވީ ނައީމްގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެެވެ.
“މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ. ” ރައީސް ވިދާޅުވިއެވެ.

