
މާލޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި ޑިސެމްބަރު މަހު މާލޭގެ 21،521 ތަނެއް ބަލައި ފާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށް، މާލެ ފްރަންޓްލައިން ފުލުހުން ވަނީ 5،701 މީހުން ހުއްޓުވައި ސުވާލު ކޮށްފައެވެ. އަދި އޭގެ ތެރެއިން 5،023 މީހުންނާކީ ކުށުގެ ރިކޯޑް އޮތް މީހުންނެވެ.
މީގެ އިތުރުން ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފާއިތުވި މަހު 27،186 އުޅަނދެއް ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށާއި 1554 އުޅަނދަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުންގެ ރިޕޯޓުގަވެއެވެ.
ރާއްޖޭގެ މާޙައުލަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަކަކަށް ހެދުމަށް ފުލުހުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން 24 ގަޑިއިރު މަގުތައް ޕެޓްރޯލް ކުރުމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް ވެސް ވަނީ ފުލުހުންގެ ޚިދުމަތުން ފަށައިފައެވެ.

