
ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫއޭއީއާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްރފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. އާމިނާ އަލް ދަހާކްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންއެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހާއްސަކޮށް ސާފު ހަކަތަ އުފެއްދުން އަވަސްކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ހިޔާލު ބަދަލުކުރެއްވިއެވެ.
އޭގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ހަރުދަނާކޮށް، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، އެފަދަ ބައިނަލްއަގުވަމީ ބައްދަލުވުންތަކުގައި ރާއްޖެއިން އަންނަނީ ވަރަށް އިސް ދައުރެއް އަދާކުރަމުންނެވެ.

