
ބައެއް ފިރިހެނުންގެ ތުނބުޅި ފެޅުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބުތަކުގެ ތެރޭގައި މަދުން އިސްތަށި ހުރުމާއި އިސްތަށި ވެރުން ހިމެނެއެވެ. ތުނބުޅި ފެޅުވުމާއި އަދި އިސްތަށި ބޯކޮށް ފެޅުމަށް ބައެއް މޭވާއަކީ މުހިންމު ރޯލެއް ކުޅޭ އެއްޗެއް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މޭވާއަކީ އިސްތަށި ފެޅުވުމަށް ބޭނުންވާ އެތައް މާއްދާއެއް ހިމެނޭ ތަކެއްޗެވެ.
ފޭޝަލް ހެއާ އިތުރުކުރުމަށް ރަނގަޅު ޑައިޓަކަށް ފޮލޯ ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ބައެއް މޭވާއަކީ އިސްތަށި ފެޅުމަށް ބޭނުންވާ ނިއުޓްރިޝަން ފޯރުކޮށްދޭ ތަކެއްޗެވެ.
އެގޮތުން ޑޮކްޓަރުން ފާހަގަކުރާ އެންމެ މުހިންމު މޭވާއަކީ އޮރެންޖެވެ. އެއީ ވިޓަމިން ސީ ލިއްބައިދޭ މޭވާއަކަށްވާއިރު، ކޮލާޖަން ޕްރޮޑަކްޝަނަށް އެހީވެދީ، ސިއްހަތު ރަނގަޅު އިސްތަށި ފެށުމަށް އެހީވެދޭ މޭވާއެކެވެ.
އެކި ވައްތަރުގެ ބެރީސް (ސްޓްރޯބެރީ، ބްލޫބެރީ، ރާސްބެރީ) އަކީވެސް މޫނުގައި އިސްތަށި ފަޅުވަން މުހިންމު ރޯލެއް ކުޅެދޭ މޭވާގެ ބާވަތްތަކެކެވެ. އެއީ އެންޓިއޮކްސިޑެންޓް ގިނަވެފައި, ވިޓަމިން ސީ އަދި އީ ލިއްބައިދޭ މޭވާގެ ބާވަތްތަކެކެވެ. އިސްތަށީގެ ފޮލިކްލްސް ސަލާމަތްކޮށްދީ އިސްތަށި އަވަހަށް ފަޅަންވެސް ބެރީސް އެހީވެދެއެވެ.
އެވޮކާޑޯ، ދޮންކެޔޮ އަދި ކިވީއަކީވެސް މިކަމަށް ފައިދާ ހުރި މޭވާތަކެކެވެ. އެގޮތުން އޮވޮކާޑޯއަކީ ވިޓަމިން އީގެ މާއްދާ ވަރަށް މަތިވެފައި ހެލްދީ ފެޓްސް ހިމެނޭ މޭވާއެކެވެ. އޭގެ ސަބަބުން ބްލަޑް ސާކިއުޅޭޝަން ރަނގަޅުވެ، އިސްތަށީގެ ބުޑުތައް ވަރުގަދަކޮށްދެއެވެ. ހަމައެފަދައިން ދޮންކޭލާއި ކިވީގައި ހިމެނޭ މާއްދާތަކަކީވެސް ބޯކޮށް އިސްތަށި ފެޅުވުމާއި އިސްތަށި ވަރުގަދަކުރަން މުހިންމު މޭވާއެކެވެ.
ސިއްހަތު ރަނގަޅު ތުނބުޅިއެއް ބޭނުންވާނަމަ ރަނގަޅު ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި ރަނގަޅަށް ނިދުމާއި ގިނައިން ފެން ބުއިމަށްވެސް ލަފާދެއެވެ.

