
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލޭ މޭޔަރު ، ޕްރައިމަރީގައި އާދަމް އާޒިމް ނުހޮވުން ވާނީ އެ ޕާޓީއަށް ހެދޭ އެންމެ ބޮޑު “ގަޅި”އަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މާފަންނު ފިނިޕާކްގައި ރޭ ބޭއްވި އާދަމް އާޒިމްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕްރައިމަރީގައި އާދަމް އާޒިމަށް ވޯޓް ނުދިނުން ވާނީ މޮޔަކަމަކަށް ކަމަށާއި އެ ވަރުގެ “ގަޅި”އެއްޗެއް ހަދާކަށް ނުވާނެ ކަމަށެވެ.
މި ޖަލްސާގައި ރޮޒައިނާ ވަނީ އާދަމް އާޒިމްއާ ވާދަކުރައްވާ ޢަލީ އާޒިމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޢަލީ އާޒިމްގެ ނަން ވިދާޅު ނުވެ ރޮޒައިނާ ވިދާޅުވީ އެމްޑީޕީއާ އެކީގައި މީހަކު ހަމަ ރަނގަޅަށް ޚިދުމަތްކޮށްދީ ހުއްޓާ ތަނަކުން މީހަކު އަންނަ އިރަށް އެމީހަކަށް ވޯޓްދޭން ނުޖެހޭނެ ކަމަށެވެ.
” (މިދިޔަ) ރިޔާސީ އިންތިޚާބުގެ ތެރޭގައި ހުރިހާ މަސައްކަތެއްގައި އަޅުގަނޑުމެންނާ އެކީގައި ހުންނެވީ އާދަމް އާޒިމް ، އެމްޑީޕީގެ ވައުދުތައް ފުއްދުމުގައި އެ ދުވަހު ހުންނެވީ އާދަމް އާޒިމް ، އެހެންވީމާ އެ ދުވަހު އަޅުގަނޑުމެންގެ ބޮލުގައި ކޮޅުފައިން ޖަހާފައި މި ސަރުކާރު ގެންނަން މަސައްކަތްކުރި މީހަކަށް މިއަދު އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުންގެ ހައިސިއްޔަތުން އާދަމް އާޒިމްގެ ބޮލުގައި ކޮޅުފައިން ޖަހާފައި ވޯޓްލާން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ” އަލީ އާޒިމް ޑިމޮކްރެޓްސްއާ އެކު ހުންނަވައި އެމްޑީޕީގެ ސަރުކާރު ބަލިކުރަން ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓްދީގެން ހޮވާ މީހަކީ އެ މީހަކު ފަޚުރުވެރިވާ މީހަކަށް ވާން ޖެހޭނެކަމަށާއި އަންހެނުންނަށް ބުލީކުރާ މީހަކަށް ވޯޓްދޭން ބޭނުން ނުވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

